ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް "ގްރީން ރިސޯޓް ފައިނޭންސިން" ގެ ނަމުގައި އައު ހިދުމަތެއް ތަޢާރަފުކޮށްފި އެވެ. މި ހިދުމަތަކީ ރިސޯޓުތަކުން ކުރިއަށްގެންދާ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢާރަފުކޮށްފައިވާ ހިދުމަތެކެވެ.
މި ހިދުމަތް ތަޢާރަފުކުރެވުނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. މި ހިދުމަތް ތަޢާރަފުކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފް އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
މި ހިދުމަތުގެ ދަށުން ރިސޯޓުތަކަށް 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީއެއް 6.5 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އެވެ. އަދި ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސް އަނބުރާ ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވެ އެވެ. މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރިސޯޓުތަކަށް ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެނާޖީ އެފިޝެންޓް އިކުއިޕްމަންޓް ހޯދުމާއި، ރުއްގަސް އިންދުމާއި އަދި ކުނި މެނޭޖުކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބޭންކިންގ ހިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ ޒަމާނީ ހައްލުތައް ހޯދައިދިނުމަށް ބީއެމްއެލް އިން ތައްޔާރަށް ތިބިކަމަށެވެ. އަދި މި އަލަށް ތަޢާރަފުކުރި ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖުކުރެވޭނެ ފައިނޭންސިންގ އެއް ހޯދައިދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިކަމަށް ވެސް ވިދާޅުވި އެވެ.