ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން އެމެރިކާ ޑޮލަރު (6.17 ބިލިއަން ރުފިޔާ) އަށް ވުރެ ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައިވެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އިއްޔެ ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެހީތެރިވުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ފުރިހަމަ މާލީ ހައްލުތަކާއެކު ބީއެމްއެލް އޮތީ ތައްޔާރަށް ކަމަށެވެ.
ބީއެމްއެލްއިން ނޫސްތަކަށް ފޮނުވި ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިސޯޓު ތަރައްގީ ކުރުމަށް ފައިނޭންސްކޮށްދިނުމުގެ އިތުރުން، ވަރކިން ކެޕިޓަލް، ވިޔަފާރި ފައިނޭންސިން އަދި ޑިޖިޓަލް ޕޭމަންޓް ހައްލުތައް ވެސް ހުށަހަޅާފައިވެއެވެ. މިއީ ވިޔަފާރިތަކާއި ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއްނެތި މުއާމަލާތްތައް ކުރެވޭނެކަން ކަށަވަރުކޮށްދިނުމަށް ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލްއިން އަހަރަކު 150 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާ ކަމަށާއި، މި މުއާމަލާތްތަކުގެ އަގު ގާތްގަނޑަކަށް 500 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި މީގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ކުރެވޭ ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރުގެ މުއާމަލާތްތައް ހިމެނޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބީއެމްއެލްއިން އިއްޔެ ވަނީ ރިސޯޓުތަކުގައި ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަށް އެހީތެރިވުމަށް އަހަރަކު 6.5 ޕަސެންޓުގެ ރޭޓުގައި، 50 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރެވޭ "ގްރީން ލޯނު" އެއް ވެސް ތަޢާރަފުކޮށްފައެވެ.