ސުޕްރިމް ކޯޓުގެ ބައެއް ފަނޑިޔާރުން ބަދަލުކުރަން އުޅޭކަމަށް ތުހުމަތުކޮށް އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށާއި އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޤާމު ގެއްލުވައިލެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު ބާޠިލުކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް މިހާރު ރޭވިފައިވާއިރު، ހުސްވާ މަޤާމުތަކަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު ސަރުކާރުގެ ސިޔާސީ މަޤާމުތަކެއް ފުރަމުންދާ ދެ ބޭފުޅަކު އައްޔަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުން ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ. ޝަރުޢީ ދާއިރާއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ސުޕްރީމް ކޯޓުން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަޤާމުން ވަކިކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު އޮތް ޝަރުޢީ ދާއިރާއެއް ހޯދުމަށް ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މިކަން ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *