ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި މުޒާހިރާ ކޮށްފި

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު އެ ރަށުގައި އިހްތިޖާޖެއް ކުރިއަށްގެންގޮސްފިއެވެ.

މިދިޔަ ބުދަ ދުވަހު ގއ. އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ދަރިފުޅު ނިޔާވުމާ ގުޅިގެން، އިހްތިޖާޖުގެ ބައިވެރިން ކަޅު ހެދުން ލައިގެން ހޮސްޕިޓަލް ކުރިމަތީގައި އެއްވެއްޖެއެވެ. އިހްތިޖާޖުގެ ބައިވެރިން ބުނާ ގޮތުގައި ޝިއުނާގެ މަރަކީ އެ ހޮސްޕިޓަލުގެ އިހުމާލުން ހިނގާފައިވާ އެތައް މަރެއްގެ ތެރެއިން އެންމެ މަރެކެވެ. އަދި އެ ހޮސްޕިޓަލުގެ އިހުމާލުން ގިނަ ބަޔަކަށް ސިއްހީ އިތުރު އަނިޔާއާއި ވޭން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އިހްތިޖާޖު ކުރި ފަރާތްތަކުން ވަނީ ކުޑަ އާބާދީއެއްގައި ހުންނަ ހެލްތު ސެންޓަރަކަށް ވުރެވެސް ގއ. އަތޮޅު ހޮސްޕިޓަލުގެ ހާލަތު ދަށްކަމަށާއި، އެ ހޮސްޕިޓަލުން ލިބޭ ހިދުމަތަކީ އެ މީހުންނަށް ހައްގުވާ މިންވަރުގެ ހިދުމަތެއް ނޫންކަމަށް ފާހަގަކޮށްފައެވެ.

މި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އަދި ހެލްތު މިނިސްޓްރީންވެސް ވަނީ މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

އަށް މަސްވެފައިވަނިކޮށް ސިޒޭރިއަން ހެދުމަށްފަހު ޝިއުނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. ޝިއުނާގެ މަރުގެ ސަބަބަކީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްވެ އިހްމާލުވުން ކަމަށް އާއިލާއިން ބުނެއެވެ. ޝިއުނާގެ ސިޒޭރިއަން ހަދާފައިވަނީ އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި، އޭގެ ކުރިން ހުރިހާ ވަގުތެއްގައިވެސް ބުނަމުން ދިޔައީ މާލެ ގެންދަން ފްލައިޓް އަންނަ ވާހަކައެވެ. ބުދަ ދުވަހުގެ ރޭ 7:00 ހާއިރު އެއާ އެމްބިއުލާންސް ގެންދަން ނިންމުމަށްފަހު، ބަލިމީހާ ސްޓޭބަލް ކަމަށް ވިލިނގިލި ހޮސްޕިޓަލުން އެންގުމާ ގުޅިގެން ފްލައިޓް ކެންސަލްކުރެވުނެވެ. ނަމަވެސް ހާލަތު އަލުން ގޯސްވުމާ ގުޅިގެން ފަހުން އެއާ އެމްބިއުލާންސް ގެންގޮސްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *