ހދ. މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ދީފި

ހދ. މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްޠަލިބު ދެއްވައިފިއެވެ. މިނިސްޓަރު މި މައުލޫމާތު ހާމަކުރެއްވީ މަކުނުދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާޕޯޓު އަޅަން ހިއްކި ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމުމުން، އެއާޕޯޓު އަޅާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރެވޭނެއެވެ. އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މެދުވެރިކޮށްކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މަކުނުދޫގެ ރައްޔިތުންނަށް އެއާޕޯޓަކީ ވަރަށް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ މާލެއިން ކުޅުދުއްފުށި މެދުވެރިކޮށް މަކުނުދޫއަށް ދަތުރުކުރުމުގައި، ޚާއްސަކޮށް ކަނޑު ގަދަވާ ދުވަސްވަރު ދިމާވާ ދަތިތައް އެމަނިކުފާނަށްވެސް ވަނީ އިހުސާސްކުރެވިފައިކަމަށެވެ.

ކުރީގެ ސަރުކާރުން މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާޕޯޓް މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުން އެދޭ ގޮތަށްކަމަށް ވިދާޅުވެ، އެއާޕޯޓުގެ ރަންވޭ 1،500 މީޓަރުން 1،800 މީޓަރަށް ދިގުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *