އޯޓިޒަމްއާއި ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރި ކުރުވަން ޖެހޭ: މެޑަމް ސާޖިދާ

އޯޓިޒަމްއާއި ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރި ކުރުވަން ޖެހޭ: މެޑަމް ސާޖިދާ

އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އޯޓިޒަމް ކުދިންނަށް "ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް" ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމަޢު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެހެންކަމުން މިފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ. އަދި މިކަމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު، އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މި ދާއިރާގެ ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށް އިސްކަންދެއްވާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *