އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލާގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލާއިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި އަލީ ފާރިޝްގެ މައްޗަށް އުފުލާފައިވަނީ ހަތް ދަޢުވާއެކެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ ހަ ދަޢުވާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއެވެ.
އަލީ ފާރިޝްގެ މައްޗަށް މި ދަޢުވާތައް އުފުލަން ޖެހުނު ސަބަބަކީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް 2024 ވަނަ އަހަރު އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެކި ފަރާތްތަކުން ފައިސާ ނަގައި، އެ ފަރާތްތައް އުމުރާއަށް ނުގެންގޮސް، އަދި އެ ފައިސާ އަނބުރާ ރައްދުކޮށްފައި ނުވާތީއެވެ. މި ގޮތުން އަލީ ފާރިޝް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391,072 ދިވެހި ރުފިޔާއާއި 8,100 އެމެރިކާ ޑޮލަރެވެ.
އަލީ ފާރިޝް މި ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކަށާއި، އޭނާގެ ހިއްސާ އޮންނަ ޓްރިއަރ ޕްރައިވެޓް ލިމިޓެޑް އަދި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެހެނިހެން ކުންފުނިތަކަށް ޖަމާކޮށް ލޯންޑަރކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ. އަދި ޕީޖީ އޮފީހުން ވަނީ މި ދަޢުވާތަކާއެކު، މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ އެ މީހަކު ކުށްވެރިވީ ކަމަށް ނުބެލެވޭނެ ކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހެއްކަމުގައި ބެލެވޭނެކަން ފާހަގަކޮށްފައެވެ.