މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އައު މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑު ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަން ކުރައްވައިފިއެވެ. އެމްޕީއެލްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަޖީހު މަގާމުން ވަކިކުރެވުނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ރިޝްވާނަކީ ކުރިން ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ފުރުއްވި، އަދި ހޮސްޕިޓަލްގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) ގައިވެސް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. މީގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ހިމެނެއެވެ. އޭނާ މި މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ 12 ޖުލައި 2011 ގައެވެ.