ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ދެހާސް ތޭވީސް ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީކުރި ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އަދަދު 74 އިންސައްތަ ދަށްވެފައިވެއެވެ.
މިކަމަށް މަގުފަހިވެގެން ދިޔައީ ގަވާއިދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީ ކުރުމުގައި މިނިސްޓްރީން އަދާކުރަމުންދާ ޒިންމާދާރު ދައުރާއި، އުސޫލުން ބޭރުން އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބަންދުކުރުމުގެ ސަބަބުންނެވެ. މިގޮތުން މިހާރު ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދު ބާއްވާނެ ސައްހަ ގަރާޖެއް ދެއްކުމަށްފަހުގައެވެ. އަދި އެ ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އެތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރެއެވެ.
މި އައު އުސޫލުގެ ސަބަބުން މާލޭގެ މަގުތަކުގައި ޕާކުކުރެވިފައި ހުންނަ އުޅަނދުގެ އަދަދު މަދުވެ، ދަތުރުފަތުރުގެ ތޮއްޖެހުމަށް ލުޔެއް ލިބިގެން ގޮސްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އެއް ގަރާޖަކަށް ގިނަ އަދަދެއްގެ އުޅަނދު ރަޖިސްޓްރީކުރާ ކަމުގެ ތުހުމަތުތައް އޮންނަތާ ވަރަށް ޒަމާންވެފައިވާއިރު، އެ މައްސަލައިގައި ނިމިގެން ދިޔަ މަޖިލީހުގައި ގަރާޖު ސިޓީ އުވާލަން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްވެގެން ނުދިޔައެވެ.