އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށް ސަރުކާރުން ނިންމަވައި، އައު މިނިސްޓްރީއެއް އުފެއްދެވުމުން ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމް ސަރުކާރުގެ އެ ނިންމެވުމަށް ފާޑު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، މި ނިންމެވުމާ ގުޅިގެން، ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ މި ނިންމެވުމާމެދު ކަންބޮޑުވާކަމަށާއި، ޓޫރިޒަމަކީ ރާއްޖޭގެ އެންމެ މުހިންމު އިގްތިސާދީ ދާއިރާ ކަމުގައެވެ. ހަމައެހެންމެ ތިމާވެށްޓަކީ ވެސް ރާއްޖެއަށް ނުހަނު މުހިންމު ދާއިރާއެއް ކަން ފާހަގަ ކުރައްވާ، މައުސޫމް ވިދާޅުވީ މި ދެ ދާއިރާއަށް ވަކި މިނިސްޓްރީތަކެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައެވެ.
ދެމިނިސްޓްރީ އެއްކޮށްލުމާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ދެމެހެއްޓެނިވި ތިމާވެއްޓަކާއި ޓޫރިޒަމްގެ މަސައްކަތްތައް އެއްގޮތްކޮށް ހިންގުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މިނިސްޓަރު ތާރިގު އިބްރާހީމް މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ.
މިއީ މި ސަރުކާރުގެ ފުރަތަމަ ކެބިނެޓަށްފަހު މިނިސްޓްރީތަކުގެ ދާއިރާތަކަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ. މީގެ ކުރިން ސަރުކާރުން ވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީ އުވާލައްވައި، ހައުސިންގެ މެންޑޭޓު ކޮންސްޓްރަކްޝަންސް މިނިސްޓްރީއަށް ބަދަލުކުރައްވައި، ޕްލޭނިންގެ މެންޑޭޓު ފިނޭންސް މިނިސްޓްރީއާ ހަވާލުކުރައްވައިފަ އެވެ.
ޓުއަރިޒަމް އަދި އެންވަޔަރމަންޓް މިނިސްޓަރެއްގެ ގޮތުގައި ތާރިގު އިބްރާހީމް އައްޔަންކުރެއްވީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހީމް ފައިސަލް ވަކިކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.