އައްޑޫ ސިޓީގެ ގައުކެނޑި އާއި މަރަދޫ ގުޅާލުމަށް އަލަށް ހަދާފައިވާ ހަންކެޑެ ބްރިޖު މިރޭ 12:00 ގައި އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި ބްރިޖަކީ އިންޑިއާގެ އެންގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓު ޕްރޮޖެކްޓުގެ ތެރެއިން އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދާފައިވާ 1.4 ކިލޯމީޓަރުގެ ހަތަރު ލޭނުގެ ބްރިޖެކެވެ.
ބްރިޖު ހުޅުވުން ލަސްވަމުންދިއުމާ ގުޅިގެން އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އައި އިރު، އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ނިޒާރު ވިދާޅުވެފައިވަނީ ކޮންޓްރެކްޓަރު ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމާފައިވާއިރު، ބްރިޖު ހުޅުވުން ލަސްވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މީގެއިތުރުން، ބްރިޖު ހުޅުވައި، ލިންކުރޯޑު އަލުން ހެދުމާއި ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތު ކުރުމުގެ ޒިންމާ އޮތީ ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ކަމަށް ނިޒާރު ފާހަގަކުރައްވާފައިވެއެވެ. އަދި މި މަސައްކަތްތައް އަވަސްކުރުމަށް ކައުންސިލުން ތަކުރާރުކޮށް އެދެމުންދާއިރު، މިނިސްޓްރީން އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށް ހިތާމައާއެކު ފާހަގަކުރައްވާފައިވެއެވެ.
ހަންކެޑޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ވަނީ މިއަހަރުގެ އޭޕްރީލް މަހު ފެށިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ)އާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން 1,041 ކޮޓަރި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ފަންޑު މެނޭޖްމަންޓް ކޯޕްރޭޝަން (އެމްއެފްއެމްސީ)އިން ވަނީ ހާމަކޮށްފައެވެ.