ޣައްޒާގެ ރައްޔިތުން އެ ސަރަހައްދުން މަޖުބޫރުން ނެރުމަކީ ބޭއިންސާފެއް ކަމަށާއި އެފަދަ ކަމެއްގައި މިސްރު ބައިވެރިނުވާނެ ކަމުގައި މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ އިއްޔެ ވިދާޅުވެއްޖެއެވެ.
ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާއެކު ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީސީ ވިދާޅުވެފައިވަނީ ފަލަސްތީނުގެ ހައްގުގައި މިސްރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިސްރުން ތާއީދުކުރަނީ މިނިވަން ފަލަސްތީނު ދައުލަތެއް އުފެއްދުމަށާއި، އެ ގައުމުގެ ރައްޔިތުންނާއި ސަރަހައްދު ހިމާޔަތްކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ އާންމު ރައްޔިތުން މިސްރާއި އުރުދުނަށް ގެންގޮސް އެ ސަރަހައްދު "ސާފުކޮށްލުމަށް" ގޮވާލައްވާފައެވެ. ނަމަވެސް، ސީސީ ފާހަގަކުރެއްވި ގޮތުގައި ޓްރަމްޕަކީ ފަލަސްތީނާއި އިޒްރޭލަށް މިނިވަން ދައުލަތެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، އެ އަމާޒު ހާސިލްކުރުމަށް މިސްރު އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.
މި މަހުގެ 19 ވަނަ ދުވަހު އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން، ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ "ސާފުކުރުމުގެ" ޕްލޭނެއް އޮތް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މިސްރު ނުވަތަ އުރުދުން ފަދަ "ރައްކާތެރި" ތަންތަނަށް ބަދަލުވާން ޖެހޭނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ އޭނާގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ބުނެ ކްރެޑިޓް ނަންގަވަމުން ގެންދަވައެވެ.