މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި 2017ވަނަ އަހަރު މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކޮށްފައި ތިބުމުން އެ މީހުންގެ ބަންދު ރިވިއުކުރަން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ހަތް މީހުން ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށާއި އެ ހާލަތު އަދިވެސް ދެމި އެބަ އޮތް ކަމަށެވެ. އަދި އެ މައްސަލާގައި ސިއްރު ހެކިވެރިއަކަށް ބަޔަކު ބިރު ދެއްކުމުން އެ މީހާ ހެކިބަސް ދޭން ދެކޮޅު ހަދާފައިވާ ކަމަށާއި އެހެންވެ، އެ މީހުން ބަންދުން ދޫކޮށްލައިފި ނަމަ ދެން ތިބި ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުވާލިބޭ މީހުން ގެ ފަރަތުން މިމައްސަލާގަިއ ބުނެފައިވަނީ އެމީހުންނަކީ ބަންދުގައި ތިބި ބަޔަކަށްވާއިރު، ބަންދުގައި ތިބެގެން ހެކިންނަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި މިކަމުގައި ދައުލަތުން ދައްކާވާހަތަކުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. މިކަމުގައި ދައުލަތުން ބުނެފައިވަނީ ހެކިންނަށް ބިރު ދައްކަން މަސައްކަތް ކޮށްފައިވަނީ ހެކިވެރިޔާގެ ހެކިބަސް ނަގަން މަސައްކަތް ކުރުމުން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
މިމައްސަލަ ބައްލަވަ ޤަޒީވަނީ ދެފަރަތުގެ ވާހަކަތަކަށް ބަލައި މަރުގެ މައްސަލަތަކީ ދޫދެވޭނެ މައްސަލަތަކެއް ނޫންކަން ފާހަގަކޮށް ބަންދުގައިތިބި މީހުންނަށް ލުއިދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަނަސްގެ މަރާލި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ އެންމެންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މެރުމުގައި ޢަމަލީގޮތުން ބައިވެރިވި އެންމެން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
2017ވަނަ އަހަރު އަނަސް މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށާއި، އޭނާ މަރާލާފައިވަނީ އޮޅިގެންކަމަށް މިހާތަނަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ރ.އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބައްލަވާ މަރުގެ 25މައްސަލައިގެ ތެރޭގައި އަނަސްގެ މައްސަލަވެސް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ