އޭސީސީއިން ވައްކަން ކުރިކަމަށް ބުނެ ތިނަދޫ ކައުންސިލުން ހާމަކުރި މައުލޫމާތު އޭސީސީން ދޮގު ކޮށްފި

އޭސީސީއިން ވައްކަން ކުރިކަމަށް ބުނެ ތިނަދޫ ކައުންސިލުން ހާމަކުރި މައުލޫމާތު އޭސީސީން ދޮގު ކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ ވައްކަންކޮށްފައިވާ ކަމަށް ބުނެ އެ ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތު، އޭސީސީން ދޮގުކޮށްފިއެވެ.

އޭސީސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން އިއްޔެ ވަނީ އެ ކޮމިޝަންގެ ޓީމެއް ކައުންސިލް އިދާރާގައި ހަރަކާތްތެރިވފައި ކަމަށެވެ. އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް، ޤާނޫނުއަސާސީ އާއި އޭސީސީގެ ޤާނޫނުގެ ދަށުން އެ ކޮމިޝަންގެ ޤާނޫނީ އިމުގެ ތެރެއިން އެންމެހައި އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު އެ ކޮމިޝަންގެ ތަޙުޤީޤަށް ބޭނުންވާ ލިޔެކުޔުން ހޯދާފައިވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު މަޢުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި، އެކަމާމެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަންވެސް އޭސީސީން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ތިނަދޫ ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ތިނަދޫ ކައުންސިލުން ވައްކަން ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *