ތިނަދޫ ސިޓީގެ އިދާރާގައި ހުރި ބައެއް ލިޔުންތައް ތަޅުންމައްޗަށް އުކާލާފައި

ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ

ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުމެއް ނުދިން: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައަށް އެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ނުދޭކަމަށް އެކޮމިޝަނުން ބުނެފައެވެ.

އޭސީސީން މިއަދު ހާމަކުރި ގޮތުގައި، އިއްޔެ އެ ކޮމިޝަންގެ ޓީމެއް ވަނީ ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައެވެ. އޭގެ މަޤްޞަދަކީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމެވެ. ނަމަވެސް މި މަސައްކަތުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން އިތުރަށް ބުނެފައިވަނީ، ގާނޫނުއަސާސީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން، އެ ކޮމިޝަންގެ ގާނޫނީ އިމުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށް ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށެވެ.

އެހެންނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން މި ހާދިސާ ސިފަކޮށްފައިވަނީ "ވައްކަމެއް" ގެ ގޮތުގައެވެ. ކައުންސިލުން ބުނެފައިވަނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް" ނަގާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އޭސީސީން ވަނީ ކައުންސިލުން ހާމަކުރި މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އަދި ކޮމިޝަނާ ގުޅޭ ގޮތުން ފަތުރަމުންދާ، ހަގީގަތާ ހިލާފު މައުލޫމާތުތަކާމެދު އިންތިހާއަށް ކަންބޮޑުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ތިނަދޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *