އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސްގެ އެންމެ ހިތްގައިމު ޖަޒީރާ މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑު ރާއްޖެއަށް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް ދިވަހިރާއްޖެއަކީ އެންމެ ރައްކާތެރި އަދި މަޤުބޫލް މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ އެވޯޑްތަކަކީ މި މަސައްކަތްތަކުގެ ކާމިޔާބީގެ ހެއްކެއް ކަމަށް ޠައްޔިބު ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ އެވޯޑްތަކަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް 100000އަށް ވުރެ ގިނަ ފަތުރުވެރިންނާއި ދާއިރާގެ މާހިރުން ވަނީ ވޯޓުލާފަ އެވެ.
މި އެވޯޑަކީ ކޭއެސްއޭ ޓޫރިޒަމް މާކެޓިންގ އެންޑް ޕީއާރް ކޮމްޕެނީން އިންތިޒާމްކޮށް ދެމުންގެންދާ އެވޯޑެކެވެ. މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި 5000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ބްރޭންޑް އިޝްތިހާރު ކުރުމުގައި ހަރަކާތްރެރިވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދާއިރާގެ އެންމެން ގުޅިގެން ކުރާ މަސައްކަތަށް ލިބެމުންދާ ކާމިޔާބުގެ މައިގަނޑު އެއް ސަބަބަކީ މިފަދަ އެވޯޑްތައް ކަމަށް ޓޫރިޒަމް މިނިސްޓަރވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން މި ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިފައި ވަނީވެސް މިއަހަރު އެވެ. މީގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީންވެސް 4 އެވޯޑެއް ރާއްޖެއިން ވަނި ހޯދާފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.