ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) އަމުރެއް ނެރެ، ތަޙުޤީޤު ކުރަމުންދާ ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމަށް އަންގައިފިއެވެ. މި އަމުރު ނެރުމުގެ މައިގަނޑު ސަބަބަކީ އޭސީސީން ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައުމެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ، މި މައްސަލަތަކުގެ ތަޙުޤީޤު ލަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ދަތިވުމާއި، އާންމު މަސްލަހަތަށް އުނިކަން އަންނަމުންދާކަން ފާހަގަކުރައްވާފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި (ފ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަޙުޤީޤުކުރަމުންދާ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާ ގުޅޭ އައު އިރުޝާދެއް އެކުލަވާލާ، އެ އިރުޝާދަށް ޢަމަލުކުރުމަށް އަންގާފައިވެއެވެ.
މި އަމުރުގައި ވަކިން ޚާއްޞަކޮށް އަވަސްކުރުމަށް އަންގާފައިވާ މައްސަލަތަކުގެ ތެރޭގައި އެމް.އެމް.ޕީ.އާރު.ސީ މައްސަލަ، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަ، އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ހިމެނެއެވެ.
މި އިރުޝާދުގެ މައިގަނޑު މަޤްޞަދަކީ އޭސީސީގެ ތަޙުޤީޤުތައް އަވަސްކުރުމާއެކު، ތަޙުޤީޤުތައް ކުރިއަށްގެންދާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން، ޖިނާއީ މައްސަލަތައް ބަލާ އެކި އިދާރާތަކުން ހިންގާ ތަޙުޤީޤުތަކުގައި އެއް މިންގަނޑެއް ގެންގުޅުމާއި، ތަޙުޤީޤުގެ ފެށުމުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުން ވެސް މި އިރުޝާދުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމެންޓު ފޮނުވާ