ރައީސް މުއިއްޒުގެ ތަރައްޤީގެ ވިސްނުމުގައި ފުލުހުންގެ ދައުފު މުހިންމު: ޣައްސާން

ރައީސް މުއިއްޒުގެ ތަރައްޤީގެ ވިސްނުމުގައި ފުލުހުންގެ ދައުފު މުހިންމު: ޣައްސާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްޤީގެ ވިސްނުމުގައި ފުލުހުންގެ މުހިންމު ދައުރު ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ފާހަގަކުރައްވައިފިއެވެ. މިނިސްޓަރ މި ވާހަކަތައް ދެއްކެވީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ، ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވީ ދިވެހި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި ޒިންމާތައް އުފުއްލެވުމަށާއި، ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށް ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތްކުރެއްވުމާއެކު، އިޤްތިސާދީ ފާގަތިކަން ޔަޤީންކުރެއްވުމަކީވެސް އެމަނިކުފާނުގެ ޒިންމާއެއް ކަމަށް މިނިސްޓަރ އިތުރުކުރެއްވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައުގައި ތަރައްޤީވެ، އިޤްތިސާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި މިނިވަންކަމާއި ސިޔާދަތު، ސަލާމަތާއި އަދުލު އިންސާފު، އަދި ރައްޔިތުންނާއި އެބައިމީހުންގެ މުދާ ރައްކާތެރިކަން ހިމެނެއެވެ. ރައްޔިތުންނާއި އެބައިމީހުންގެ މުދާ ރައްކާތެރިކުރުމަކީ ފުލުހުންގެ އަސާސީ ޒިންމާއެއް ނަމަވެސް، ރައީސްގެ ތަރައްޤީގެ ވިސްނުމުގައި ފުލުހުންގެ ދައުރު މާ ފުޅާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިޤްތިސާދީ ފާގަތިކަން ޔަޤީންކުރުން ކަމުގައިވިޔަސް، ނުވަތަ އިޖްތިމާއީ ވިއުގަ ހަރުދަނާކުރުން ކަމުގައިވިޔަސް، މޯލްޑިވްސް ޕޮލިސް ސަރވިސް އިސް ސަފުގައި ހުންނާނެ. ޤައުމުގެ ސުލްހަމަސްލަހަތާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ތިޔަބޭފުޅުން ކުރައްވާ މަސައްކަތުން ޤައުމުގެ މުސްތަޤްބަލު އިތުރަށް އުޖާލާވެގެންދާނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގްރެޖުއޭޓުންނާ މުޚާތަބުކުރައްވަމުން މިނިސްޓަރ ފާހަގަކުރެއްވީ ރައްޔިތުންނާއި، ޤައުމާއި، ޤާނޫނުއަސާސީއާ ދޭތެރޭ އަދާކުރަންޖެހޭ ޒިންމާތަކުގެ މުހިންމުކަމެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބެ، ޤައުމަށް ވަފާތެރިވުމަށާއި، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމަށް އޭނާ ގްރެޖުއޭޓުންނަށް ގޮވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *