މިދިޔަ ދުވަސްތަކުގައި ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން ވެއްދުމުގައި ވަގު ފޯމު ބޭނުންކޮށްފައިވާ މައްސަލަ އެމްޑީޕީން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވެއެވެ. އެމްޑީޕީން މިއަދު އެކްސްގައި ހާމަކުރި ގޮތުގައި، މި ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ބެލުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށާއި، އަދި މި ދެ އިދާރާއިން މި މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައިވާކަން އެމްޑީޕީން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައި، ޕީއެންސީން ހުށަހަޅާފައިވާ އެއްވެސް ފޯމެއް ޕްރޮސެސްނުކުރުމަށާއި، މިހާތަނަށް ޕްރޮސެސްކޮށްފައިވާ ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ޔަގީންކުރުމަށް އެދިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމާއެކު، ޕީއެންސީން ވަނީ 75,000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ކުރިއަށްދަނިކޮށް، ސައްހަނޫން ފޯމުތަކެއް ހުށަހަޅަމުންދާކަމުގެ ތުހުމަތުތައް ގިނަ ފަރާތްތަކުން ކުރަމުން ގެންގޮސްފައިވެއެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި، އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ މީހުންގެ ހުއްދައަކާ ނުލައި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވެއެވެ. މީގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، އެންމެ ފަހުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވެސް ހިމެނެއެވެ.