ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ޖަލުގައި މިވަގުތު ނުހައްގުން އަނިޔާ ދެމުންދާ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް އެޅޭ ފުރަތަމަ ބިންގަލަށް ހެދުމަށް ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ރަށު ބަންދުގައި ތިބެ މިރޭ ޅ.ނައިފަރުގައި ބާއްވާ ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިންތިޚާބު ނާކާމިޔާބު ވެއްޖެނަމަ ޤައުމަށް ވެދާނެ ގޮތަކާއިމެދު ތަސްވީރެއް ހުށަހެޅުއްވިކަމަށެވެ. މިއަދު އޭގެ ވަރަށް ގިނަ ކަންތައްތަކެއް ޤައުމުން ފެނި އެކަން ބަދަލުކުރަން ޖެހިފައިވާކަމެވެ. ޤައުމުގެ އިޤްތިޞާދީ ފޭރާން ނިކަމެތިވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތައި، އިސްލާމީ ވަހުދަތު ގެއްލެމުންދާތައް ފެންނަމުންދާކަމަށެވެ. ޑރ.ޝަހީމް ވިދާޅުވީ ކައުންސިލް އިންތިޚާބަކީ މިކަންކަން ބަދަލު ކުރުމަށް ދިވެހި ރައްޔިތުންނަށް ލިބިދޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

ކައުންސިލް އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބް ކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލައްވަމުން ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ވީރާނާވަމުންދާ އިޖުތިމާއީ ފޭރާން އަލުން އިޔާދަކޮށް، ގެއްލެމުންދާ މިނިވަންކަމާއި އިސްލާމީ ވަހުދަތު ނެގެހެއްޓިގެންދާނީ އިންތިޚާބު ކާމިޔާބު ވެގެންކަމަށެވެ.
ނިމިދިޔަ ތަނުން އިބްރަތް ހާސިލްކޮށް، މި އިންތިޚާބް ޕީޕީއެމް ކޯލިޝަނަށް ކާމިޔާބް ކުރުމަށް ވަރަށްގިނަ މަސައްކަތް ކުރަންޖެހޭ. ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ޕީޕީއެމް ކޯލިޝަނަށް މިއިންތިޚާބް ކާމިޔާބް ކުރެވިގެން. ކޯލިޝަން މެމްބަރުން ގޮޑިތަކަށް އިންތިޚާބު ކުރަނީ ސަރުކާރަށް ޖެއްސުން ކުރާކަށްނޫން. ޤައުމު ތަރައްޤީ ކުރުމަށް އެހީވެދީ، އިސްލާދީނުގެ އުސޫލުތައް ދެމެހެއްޓުމަށް. މިނިވަންކަން ދެމެހެއްޓުމަށް. މަސްވެރިންނާއި، ދަނޑުވެރިންނާއި، މަސައްކަތްތެރިންގެ ހައްޤު ކަށަވަރު ކުރުމަށް.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ މި އިންތިޚާބު ވެގެންދާނީ ރައީސް ޔާމީނަށް ހުރަގޭގައި ދެމުންދާ އަނިޔާތަކަށް ނިމުން ގެނުވައި އެމަނިކުފާނު މިނިވަން ކުރުމަށް ހެދޭ އިންތިޚާބަކަށް ވެގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއިއެކު އިންތިޚާބަށް ނިކުމެ އަލުން އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަށް ވެގެންދާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވޭ މުހިންމު އަސާސެއް މި އިންތިޚާބު ކާމިޔާބް ކުރުމަކީ. މިއީ 2023 ގައި ރައީސް ޔާމީން އަލުން އިންތިޚާބު ކުރުމަށް އަޅާނެ އެންމެ ވަރުގަދަ ބިންގަލަކީ މި އިންތިޚާބު. މިއަދު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އިޖުތިމާއީ، ދިނީ ކަންކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ މި އިންތިޚާބު ކާމިޔާބު ވެގެން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ މިއަދު ރާއްޖޭގެ އެތައް ރަަށެއްގައި ހުރި އިސްލާމީ މަރުކަޒުތަކާއި، ދީނީ މައުލޫމާތުދޭ ތަންތަންބަންދު ކޮށްފައި ވާކަމަށެވެ. މިއީ ނުހަނު ކަންބޮޑުވާކަމެއްކަމަށާއި، މިކަންކަން ހައްލު ކުރެވޭނީ އިދިކޮޅު ކޯލިޝަނަށް ކައުންސިލް އިންތިޚާބު ކާމިޔާބު ވެގެންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ