އައްޑޫ ސިޓީގައި ޔޫޓިލިޓީސް ޚިދުމަތްދޭ ވަކި ކުންފުންޏެއް އުފެއްދުމަށް ސަރުކާރަށް ހުށަހެޅުމަށް ފާސްކޮށްފި

އައްޑޫ ސިޓީގައި ޔޫޓިލިޓީސް ޚިދުމަތްދޭ ވަކި ކުންފުންޏެއް އުފެއްދުމަށް ސަރުކާރަށް ހުށަހެޅުމަށް ފާސްކޮށްފި

އައްޑޫ ސިޓީގައި ޔޫޓިލިޓީސް ޚިދުމަތްދޭ ވަކި ކުންފުންޏެއް އުފެއްދުމަށް ސަރުކާރަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ފާސްކޮށްފިއެވެ. މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

މޭޔަރު ނިޒާރުގެ ހުށަހެޅުއްވުމުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ފެނަކައިން އައްޑޫ ސިޓީގައި ދެމުންދާ ޚިދުމަތްތަކުން އަހަރަކު ގާތްގަނޑަކަށް 25-30 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބެމުންދެއެވެ. ނަމަވެސް، މި ފައިސާ އެކަށީގެންވާ ގޮތެއްގައި އައްޑޫގެ ޔޫޓިލިޓީސް ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންކުރެވިފައި ނުވާކަމަށް ފާހަގަކުރައްވައި، މިއީ އައްޑޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޭއިންސާފެއް ކަމުގައި ވިދާޅުވިއެވެ.

މި ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ދިނުމަކީ މިކަމަށް ގެނެވިދާނެ ދާއިމީ ހައްލެއްކަމަށް ފާހަގަކުރައްވައި، އަލަށް އުފައްދަން ހުށަހަޅާ ކުންފުނީގެ ބޯޑުގައި އައްޑޫ ކައުންސިލާއި ރައްޔިތުންގެ ތަމްސީލު ހިމެނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްވެސް ހުށަހެޅުމުގައި ހިމަނުއްވާފައިވެއެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި 8 ކައުންސިލަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

މި ހުށަހެޅުން ފާސްކުރެވުނު ދަނޑިވަޅަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާ ދުވަސްވަރެކެވެ. މި މައްސަލަ ދިމާވެފައިވަނީ ފަސް ޖެނެރޭޓަރެއް މަސައްކަތްނުކުރުމާ ގުޅިގެންނެވެ. ފެނަކައިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މި މައްސަލަ ހައްލުކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *