މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުން އއ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ބާއްވައިފިއެވެ. މި ބައްދަލުވުމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ޗެއާމަން އަބްދުﷲ އިޔާސް ރިޔާޒްގެ އިތުރުން އެހެނިހެން ބޯޑު ޑިރެކްޓަރުން ވެސް ބައިވެރިވިއެވެ. މި ބޭފުޅުންނަށް އުކުޅަހު ކައުންސިލުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިދިނެވެ.
އެމްއެމްޕީއާރްސީގެ ފަރާތުން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ދަތުރުގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑިރެކްޓަރުން އެރަށުގެ ކައުންސިލާއި އަދި އެ ރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުކުޅަހަކީ ރާއްޖޭގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ރަށެކެވެ. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލޯކަލް ޓުއަރިޒަމަށް ދެއްވާ އިސްކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރްސީން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އޮތް ތައްޔާރުކަން ދެއްކުމެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމްއެމްޕީއާރްސީން މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއެވެ.