ކޯވިޑްގައި ސިފައިން ދެއްކީ ކެތްތެރިކަމާއި އެއްބައިވަންކަމުގެ ލާމަސީލު ނަމޫނާއެއް: މިނިސްޓަރ

ކޯވިޑްގައި ސިފައިން ދެއްކީ ކެތްތެރިކަމާއި އެއްބައިވަންކަމުގެ ލާމަސީލު ނަމޫނާއެއް: މިނިސްޓަރ

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 08:11
0

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭކަލުންގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެން ގޮސްފައިވަނީ ކެތްތެރިކަމާއި، ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އައްޑަ މަޖައްލާގެ މިހަފްތާގެ އަދަދުގައި މިނިސްޓަރ މާރިޔާ ލިޔުއްވާފައިވާ ލިޔުމުގައި ވަނީ ކޯވިޑް19 ގެ ހާލަތުގައި، ސުނާމީގެ ނުރައްކާތެރި ހާދިސާއަށް އަލި އަޅުވާލާފައެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭކަލުންގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެންދިޔަ ކެތްތެރިކަމާއި، ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއްކަމަށެވެ. އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން ތިބީ ގައުމީ ޚިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގައިކަމަށެވެ.

އާއިލާއާ ގާތް ރަހުމަތްތެރިނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި " ޕެންޑެމިކް" އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނައިރު، މި ދަޑިވަޅުގައި ވެސް ރައްޔިތުގެ މެދުގައި އެއްބައިވަންތަކަމައި ހަމަޖެހުން ކަށަވަރުކުރުމަށް ޤައުމީ ދިފާއީބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު.

– މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.

ސުނާމީ ހާދިސާއަށް އަލި އަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫންކަމަށެވެ. އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ ދިވެހިން ފަހުރުވެރި ކުރުވާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫޙު ދިވެހި ތާރީޚުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިއުމާމެދު ނުހަނު އުފާކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރީޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅު މިއަދު މުޅި ގައުމު ބަލައިގަނެފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.