ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. ހުވަދުއަތޮޅު އުތުރުބުރީން އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގެ ފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ. އަދި ހުވަދުއަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *