އެމްޑަބްލިއުއެސްސީގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޚިދުމަތްތަކާއި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: މަތީން

އެމްޑަބްލިއުއެސްސީގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޚިދުމަތްތަކާއި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: މަތީން

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެފައިވާ ގޮތުގައި،

ކުންފުނީގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެކުންފުނީގެ ޚިދުމަތްތަކާއި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަކީ އެމްޑަބްލިއުއެސްސީގެ މައިގަނޑު މަސައްކަތްކަމުގައިވީ ނަމަވެސް، އެކުންފުނިން މިހާރު ދަނީ ވިޔަފާރީގެ އުސޫލުން ކުންފުނީގެ ޚަރަދުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަތީން ހާމަކުރެއްވި ގޮތުގައި، މިވަގުތު ކުންފުނީގެ މަސައްކަތްތަކުގެ 55 އިންސައްތައަކީ ޔޫޓިލިޓީގެ ޚިދުމަތްތައް ކަމަށާއި، 45 އިންސައްތައަކީ ވިޔަފާރި މަސައްކަތްތަކެވެ. ނަމަވެސް ކުންފުނީގެ އަމާޒަކީ މި ނިސްބަތް ބަދަލުކޮށް، ޔޫޓިލިޓީގެ ޚިދުމަތްތައް 40 އިންސައްތައަށް ތިރިކޮށް، އާމްދަނީ ލިބޭ އެހެނިހެން މަސައްކަތްތައް 60 އިންސައްތައަށް އިތުރުކުރުމެވެ.

ކުންފުނީގެ ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތްތަކާއި، ރ. ދުވާފަރުގެ ފެން، ކަރަންޓް، ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން، ވިޔަފާރީގެ އުސޫލުން ސަރުކާރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ތަންފީޒުކުރުމުގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދެއެވެ. މިގޮތުން 2024 ވަނަ އަހަރު 20 ރަށެއްގެ މަސައްކަތް ނިންމާލާފައިވާއިރު، 2025 ވަނަ އަހަރު އިތުރު 20 ރަށެއްގެ މަސައްކަތް ފަށާފައިވެއެވެ. އަދި ބޯފެން ފުޅީގައި ބަންދުކޮށް ވިއްކުމުގެ މަސައްކަތްވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެއެވެ.

މަތީން ވިދާޅުވި ގޮތުގައި، ރަނގަޅު މޮޑެލްއަކަށް ކުރިއަށްދާ ކުންފުންޏެއްގެ ހައިސިއްޔަތުން، ނޮން-ޔޫޓިލިޓީ ރޭޝިއޯ އިތުރުކޮށް، ޔޫޓިލިޓީ ރޭޝިއޯ 45 އިންސައްތައަށް ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ފެނުގެ ޚިދުމަތް އަގުހެޔޮކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *