ކުރިޔަށް އޮތް ދެދުވަހު ވިއްސާރަ ދާނީ ރަގަޅު ވަމުން: މެޓް އޮފީސް

ކުރިޔަށް އޮތް ދެދުވަހު ވިއްސާރަ ދާނީ ރަގަޅު ވަމުން: މެޓް އޮފީސް

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ވެސް މެދުރާއްޖެ ތެރެއަށާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވޭނެ ކަމަށް ލަފާކުރި ނަމަވެސް ކުރިއަށް އޮތް ދެ ދުވަސް ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ލަފާކޮށްފި އެވެ.

ރާއްޖެ އަށް އިރުވައި މޫސުން ފެށި، ވިއްސާރަ ވެފައިވާއިރު އިއްޔެ ވެހުނު ވާރޭގައި އުތުރާއި މެދުރާއްޖެ ތެރޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތައްވި އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅު ވާން ފަށާނެ ކަމަށެވެ. އަދި އެހާތަނަށް ކަނޑުތައް މަޑުވާން ފަށާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.

އެ އިދާރާ އިން ލަފާކުރާ ގޮތުގައި މިއަދުގެ ހަވީރު 6 އާ ހަމައަށް އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭއިރު، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެެ.

އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެ، ރާޅުގެ އުސްމިން 6-4 ފޫޓަށް ހުންނާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

އިއްޔެ ކުރި ވިއްސާރާގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެ އަށެވެ. އެގޮތުން ހުޅުލެ އަށް 144 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައިވާއިރު މާލެ އަށް 142.2 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.

މީގެ އިތުރުން ހުޅުމާލެ އަށް 122 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، އދ. މާމިގިއްޔަށް 113 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި އއ. ތޮއްޑޫ އަށް78.9 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *