މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ރާއްޖެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން މެދު ރާއްޖެތެރެއަށް މިއަދު 15:00 އިން 19:00 އަށް ނެރުނު އޮރެންޖް އެލާޓް މިހާރު ވަނީ މިރޭ 23:00 އާ ހަމައަށް އިތުރުކޮށްފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުސަތު އޮތްކަން މެޓް އޮފީހުން ފާހަގަކުރިއެވެ.
މޫސުމާ ބެހޭ އިދާރާގެ އަންދާޒާތަކުން ދައްކާ ގޮތުގައި އިރުއުތުރާއި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާފާނެ ކަމަށް ބެލެވެއެވެ. މި ވިއްސާރައިގެ ތެރޭގައި ކަނޑުތައް ގަދަވެ، ރާޅުގެ އުސްމިން ފަސް ފޫޓާއި އަށް ފޫޓާ ދެމެދުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތުމާއެކު، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ގޮވާލައިފިއެވެ. މިހާރުވެސް މި ވިއްސާރައިގެ ސަބަބުން މުޅި މާލެ ވަނީ ފެނުގެ އަޑީގައެވެ.
އަދި ގިނަ ގެތަކަށާއި ފިހާރަތަކަށް ފެންވަދެ، އެކި މިންވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެއިތުރުން، އެހެން ރަށްތަކުގައިވެސް ފެންބޮޑުވެ ގެއްލުން ލިބެމުންދާ ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.