ސައީދު، ނަޝީދަށް؛ ފައިސާލިބި ހޭދަކުރަން ނޭގުމުން ވޯލްޑް ބޭންކުންވެސް ފާޑުކިޔާނެ

ސައީދު، ނަޝީދަށް؛ ފައިސާލިބި ހޭދަކުރަން ނޭގުމުން ވޯލްޑް ބޭންކުންވެސް ފާޑުކިޔާނެ

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 02:44
0

ދައުލަތަށް އެތައް ބިލިޔަނުން ފައިސާ ލިބި ރަނގަޅު ގޮތުގައި ހޭދަނުކުރެވުމުން ޤައުމުގެ ހާލަތު މިވަނީ ވަރަށް ދަށް ހާލަތަކަށް ވެއްޓިފައި ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން ސައީދު ވިދާޅުވީ މިހާލަތާއި އަޅުވައިގެން އެތައް ލޯނެއް ނަގައި، ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ލިބިގެންދާއިރުވެސް ފެނިގެންދަނީ ނުކަތާވަރަށް ޚަރަދުކޮށް ދައުލަތުގައި ނެތް ވަރަކުން ފައިސާ ހޭދަކުރަމުންދާތަން ކަމަށެވެ.

ދައުލަތަށް ބިލިޔަނުން ފައިސާލިބި މަނޭޖް ކުރަން ނޭގުމަކީ ދައުލަތް ހިންގަން ތިބި ބޭފުޅުން ނާޤާބިލް ވުމުން ދިމާވާކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. މިއަދު ވޯލްޑް ބޭންކާއި ދުނިޔޭގެ އިޤްތިޞާދު ދިރާސާކުރައްވާ އިދާރާތަކުން ރާއްޖޭގެ ހާލަތާއިމެދު ކަންބޮޑުވެ ފާޑުކިޔަމުންދަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދައުލަތުން މަސައްކަތް ނުކުރެވޭތީކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

250 މިލިޔަން ޑޮލަރުގެ އެހީ، 4 ބިލިޔަން ޕްރިންޓް، 1.2 ބިލިޔަން ލޯން، 800 މިލިޔަން ޑޮލަރުގެ ލޯން ކްރެޑިޓް، 200 މިލިޔަން ޑޮލަރު ކަރަންސީ ސްވެޕްއާއި 2 ބިލިޔަން ކޯވިޑް ހޭދައިގެ އިތުރަށް ރެކޯޑް މިންވަރަށް ރިކަރެންޓް ޚަރަދު ކުރުމުން، ވޯލްޑް ބޭންކު ވެސް ފާޑުކިޔާނެ. މި އީ އެންމެ ދެ އަހަރުގެ ނާޤާބިލްކަން

– ސައީދު

ރާއްޖޭގެ އިޤްތިޞާދާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދަރަނި އަނބުރާ ދައްކާނެ އާމްދަނީއެއް ދައުލަތުގައި ނެތުންކަމަށެވެ.

ރައީސް ނަޝީދުވަނީ 2012 އިން 2018 އަށް އޭރުގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަޑު ހަމަވެ އެލޯނުތައް ދެއްކުމުގެ ބުރަވެސް ރައީސް ޞާލިހަށް މަތިވެފައިވާކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ނުސީދާ ގޮތަކަށް ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ލޯނުތަކުގެ ގޮތުގައި ސިފަ ކުރައްވާފައިވަނީ ޗައިނާއިން އެކި ކަންކަމުގައި ނަގާފައިވާ ލޯނުތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.