މޯލްޑިވިއަން އިން ބާއްވާ އެއާ ޝޯގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އިން ބާއްވާ އެއާ ޝޯގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ގެންނަ އޭ330 މަރުކާގެ ބޯޓު ގެނައުން ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ޝޯގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި، އަންނަ ހޯމަ ދުވަހު ހަވީރު 5:00 އިން 5:30 އަށް މާލެ އާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ޝޯގެ މަންޒަރުތައް ފޮޓޯނަގައިގެން އަދި ވީޑިއޯކޮށްގެން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ޕްރޮފެޝަނަލް ފޮޓޯ ނުވަތަ ވީޑިއޯގްރަފަރަކަށް ވާކަށް ނުޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރަންވާނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި MaldivianAeroAirshow# ހޭޝްޓެގާ އެކު މޯލްޑިވިއަންގެ ސޯޝަލްމީޑިއާ އެކައުންޓު ޓެގުކޮށްގެންނެވެ. އަދި އެކައުންޓު ޕަބްލިކުކޮށްފައި ހުންނަން ޖެހޭނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ އަންގާފައެވެ.

މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ދެ މީހެއްގެ އެއާ ޓްރާންސްފާއާ އެކު ފައިވް ސްޓާ ރިސޯޓަކުން ދެ ރޭ ހޭދަކުރުމުގެ ފުރުސަތާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ. ދެވަނައަށް ދާ ފަރާތަކަށް އިންޑިއާގެ ޓްރެވިންޑްރަމް ނުވަތަ ކޮޗިންއަށް ދެ މީހެއްގެ ރިޓާން ޓިކެޓާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބިގެންދާނެއެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް ބޭނުން ޑޮމެސްޓިކް ޑެސްޓިނޭޝަނަކަށް ދެ މީހެއްގެ ރިޓާން ޓިކެޓާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެއެވެ.

މި އެއާ ޝޯގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1ގެ އިރުމަތީ ސަރަހައްދު ބީޗާއި، ހުޅުމާލޭ ފޭސް 2ގެ އިރުމަތީ ފަރާތު ބީޗު އަދި މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *