މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މުދާ އެތެރެކުރެވުނު އަހަރުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވެއެވެ.
2024 ވަނަ އަހަރު 66,387 ކޮންޓެއިނަރާއި 131,262 ފްރައިޓް ޓަނުގެ ޖެނެރަލް ކާގޯ ރާއްޖެއަށް އެތެރެކުރެވުނެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކޮންޓެއިނަރުގެ އަދަދު 7 އިންސައްތަ އަދި ޖެނެރަލް ކާގޯގެ އަދަދު 29 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ ކުރިން އެންމެ ގިނައިން މުދާ އެތެރެކުރެވުނު އަހަރަކީ 2018 ވަނަ އަހަރެވެ. އެއަހަރު 63,002 ކޮންޓެއިނަރާއި 123,669 ފްރެއިޓް ޓަނުގެ ކާގޯ އެތެރެކުރެވުނެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހުގެ ވާހަކަފުޅުގައި، އެމްޑީޕީގެ ސަރުކާރުގެ 5 އަހަރުގައި ކޮންޓެއިނަރު އެތެރެކުރެވުނު މިންވަރު ހުރީ އެވްރެޖް މިންވަރެއްގައި ކަމަށާއި، އެހެންކަމުން އެ ދައުރުގައި އިޤްތިޞާދަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާކަމަށް ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރު ރެކޯޑު އަދަދަކަށް މުދާ އެތެރެކުރެވުނުކަމީ ރައީސް މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައިވެސް ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަން ދޭހަކޮށްދޭ ކަމެއްކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫޢުތަކެއް މިއަހަރު ފެށިގެންދާނެތީ، އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
އިތުރުވަމުންދާ މުދަލުގެ އަދަދާ ގުޅިގެން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. މިހާރު މާލޭ ވިޔަފާރި ބަނދަރުގައި އެއްފަހަރާ ބެހެއްޓޭނީ 2,200 ކޮންޓެއިނަރެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އާންމުކޮށް އެތެރެކުރެވެނީ އެކި ބާވަތްތަކުގެ ތެލާއި، ކާބޯތަކެތި، މެޝިނަރީ، މެކޭނިކަލް އާލާތްތަކާއި އިލެކްޓްރޯނިކް ތަކެއްޗެވެ. މި ތަކެތި ބޭލުމަށް މާލޭ ވިޔަފާރި ބަނދަރުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 ބަނދަރު ބޭނުންކުރެވެއެވެ.