ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ލ. މާވަށަށް، މިއަދުވެސް ވިއްސާރަ ކުރާނެ

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ލ. މާވަށަށް، މިއަދުވެސް ވިއްސާރަ ކުރާނެ

Author
ހުސައިން
02 ޖެނުއަރީ 2025 10:50
0

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ލ. މާވަށަށެވެ. މި މުއްދަތުގައި މާވަށަށް 107.7 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މީގެ އިތުރުން އދ. މާމިގިއްޔަށް 86.5 މިލިމީޓަރު، ހުޅުލެއަށް 73.0 މިލިލީޓަރު އަދި ހުޅުމާލެއަށް 70.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި ވ. ރަކީދޫއަށް 61.9 މިލިލީޓަރު އަދި ލ. ކައްދޫއަށް 61.0 މިލިލީޓަރުގެ ވާރޭ ވެހުނެވެ.

މެޓްއިން މިއަދުގެ މޫސުން ލަފާކުރި ގޮތުގައި އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެއެވެ. އަދި އެހެން ހިސާބުތަކަށް ވިއްސާރަވެ، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. އެހެން ހިސާބުތަކަށް ވައިޖެހޭނީ އުތުރާއި އިރުއުތުރުންނެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިއްސާރަ ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ހުންނާނެއެވެ. މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެއެވެ.

މެޓްއިން މިއަދު ހެނދުނު 6:30 އިން 11:30 އަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލެއް ނެރެފައިވެއެވެ. މި ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށެވެ.

މިކަންކަމާ ގުޅިގެން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، އެންމެ ފަހުގެ މޫސުމީ ނޫސްތަކާއި ސަމާލުތަކަށް ސަމާލުވުމަށް މެޓްއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.