ހާސްކަމާއި ގޮންޖެހުންތަކާއި ނުތަނަވަސްކަމުން ފުރިގެންވާ، އަދި ސިޔާސީ ބޮޑު ބަދަލުތަކެއް ގައުމު ދުށް އަހަރެއް ފާއިތުވެގެން ދިއުމަށްފަހު، މުޅި ދުނިޔެ މިއަދު މިވަނީ، އުއްމީދީ އާއަހަރަކަށް އަނެއްކާވެސް މަރުހަބާ ކިޔާފައެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރެއާއި މިއަދު 2025 ވަނަ އަހަރަށް، ބަޑިބޭހާއި މުއިޒިކާއި އަދި އެނޫންވެސް ތަފާތު އެތައް ހަރަކާތަކާއެކު މަރުހަބާ ކިޔާފައިވާއިރު، ރާއްޖޭގައިވެސް ރިސޯޓުތަކުގައި ވަނީ އާއަހަރަށް މަރުހަބާ ކިޔާފައެވެ.
އާއަހަރަށް މަރުހަބާ ކިޔުމަށް ސަރުކާރުން އިންތިޒާކުރި ބަޑިބޭހުގެ ކުޅިވަރު ރޭވަނީ ހުޅުމާލާގައި އެމްއެންޑީއެފްއިން ބައްވާފައެވެ.
އިގްތިސަދީ ގޮތުންނާއި އަދި ހަގުރާމާއިގެ ބިރުވެރިކަމުން އެތައް އުދާސްތަކެއް ގެނުވި 2024 ވަނަ އަހަރަށް ދުނިޔެ އަލްވަދާއި ކިޔުމަށްފަހު، އާއަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ގިނަބަޔަކު އާއަހަރުގެ ތަހުނިޔާ ބަދަލުކޮށް، ފެށިގެންދިޔަ 2025 ވަނަ އަހަރަކީ އުއްމީދީ އަހަރެއްގެ ގޮތުގައި ސިފަކޮށް، އާއަހަރަށް ދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ގިނަ ބަޔަކު ކަމަރު ބަނދެފައިވާއިރު، ކުރިޔަށް އޮތް އަހަރުވެސް ވެގެންދާނީ އިގްތިސާދީ ގޮތުންނާއި އަދި ދޭދޭ ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި މައްސަލަތަކުން ދުނިޔޭގެ ސަލާމަތަށް އެތައް ނުރައްކަލެއް ކުރިމަތި ކުރުވާނެ އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މިގޮތުން، ޢައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށްއައިސް، ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންދާ ޖިހާދަށް ނަސްރުލިބި، އާ އަހަރު ފެށިގެންދިޔައީ، ހަނގުރާމަ ހުއްޓުމަކަށް އަންނާކަމަށް އެތައްބަޔަކު އަދިވެސް ކުރަމުންދާ އުއްމީދުތަކާއެކީވެސް މެއެވެ.
ހަމަ އެއާއެކު، ފާހަގަ ވާން އޮތްކަމަކީ މީލާދީ އާއަހަރަށް ދިވެހިރާއްޖެއިންވެސް މަރުހަބާ ކިޔާފައިވާއިރު، މިފެށުނު އަހަރަކީ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް މުހިންމު އަހަރަކަށް ވެގެންދާނޭ ކަމެވެ. 2023 ވަނަ އަހަރު އިންތިޚާބުކުރި އާ ސަރުކާރަށް އަހަރެއް ފާއިތުވެގެންދިޔައިރު، އާއަހަރު ފެށިގެންދިޔައީ ސިޔާސީ ގޮތުންވެސް ގައުމަށް މުޅިން އާ ދުވަހަކަށް އަލިވިލަމުންނެވެ.
އާ ސަރުކާރަށް އަހަރަށް، ސިޔާސީ ބޮޑު ބަދަލެއް!
މުޅި ދުނިޔެވެސް އާ އަހަރަކަށް މަރުހަބާ ކިޔާފައިވާއިރު، ކުރިޔަށް މިއޮތް 2025 ވެގެންދާނީ ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް ޚާއްސަ އަހަރެއް ކަމުގައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަހަރަކީ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ، އާ ސަރުކާރަށް އަހަރެއްފުރި، ސިޔާސީ ގޮތުން އަދި އެނޫން ގޮތްގޮތުންވެސް ބޮޑެތި ބަދަލުތަކާއި ގައުމު ކުރިމަތިލާ އަހަަރަކަށް ވެގެންދާނެތީއެވެ.
މިގޮތުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމި، ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ފާއިތުވެގެން ދިޔައިރު، ސިޔާސީ ގޮތުން ބިޑެތި ބަދަލުތަކެއް އައިސްފައެވެ. ފާއިތުވި އަހަރެއްހާ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ މުހިންމު ބިލްތަކެއް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައެވެ.
ހަމައެއާއެކު އާ އަހަރަށް މަރުހަބާ ކީއިރު، މިހާރު ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީގޮތުން ފެނިގެންދިޔަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެން ދިޔައީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ހިގައިގެންދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަަކެވެ. އެގޮތުން އެޗްޑީސީގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއެކު، އެކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ސަރުކާރުން ވަނީ އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އެތައް މުވައްޒަފަހު ސަސްޕެންޑްވެސް ކޮށްފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ފާއިތުވި އަހަރެއްހާ މުއްދަތުގެ ތެރޭގައި ތަރައްގީގެ މާގިނަ މަޝްރޫއުތަކެއް ކުރިޔަށް ގޮސްފައި ނުވިނަމަވެސް، މިއަހަރަކީ މިސަރުކާރުގެ އާ ބަޖެޓާއެކު ތަރއްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްދާނެކަމަށް ސަރުކާރުން ވެފައިވާ ވައުދުތަކާއެކު، ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގު ސާފުވެ، މިއަހަރު ވެގެންދާނީ މި ސަރުކާރަށް ކުރިމަތިވެގެންދާނެ ބޮޑު އިމްތިހާނެއް ކަމުގައެވެ.
ކުރެވޭ އުއްމީދުތައް!
މިފެށުނު 2025 ވަނަ އަހަރަކީ އިގްތިސާދީ ގޮތުންނާއި އަދި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަނަ އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރިނަމަވެސް، އާއަހަރުގެ ފެށުން ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ 2025ވަނަ އަހަރަކީ އުއްމީދީ އަހަރަކަށް ވެގެންދާނޭކަމުގެ ފޮނު އުއްމީދުތަކާއެކުއެވެ.
ހަމަ އެބީދައިން، ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަނަމުންދާ ހެޔޮ ބަދަލުތަކާއި، އަދި ދައުލަތުގެ އާމްދަނީއަށް 2025ވަނަ އަހަރު އަންނާނެ ހެޔޮ ބަދަލުތަކާއެކު، ދައުލަތުގެ މުވައްޒަފުން ތިބީ މުސާރަތަކަށް އޭގެ ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމުގެ އުއްމީދުގައެވެ. ނިމިދިޔަ އަަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އިތުރު ކުރިއެރުން ލިބި، އޭގެ އެދެވޭ ނަތީޖާ އިގްތިސާދުން ފެންނާނޭކަމުގެ އުއްމީދަކީވެސް 2025ވަނަ އަހަރުގެ އުއްމީދުތަކާއި ގުޅިފައިވާ މުހިންމު އަމާޒެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އޭގެ އިތުުރުން އާއަހަރު ފެށިގެންދިޔައިރު، ގައުމުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާއެކު، ގައުމުގައި އޮތް ސިޔާސީ ހަލަބޮލިކަމަށް އައިސްފައިވާ ހަމަހިމޭންކަން އެގޮތުގައި ދެމި އޮންނާނޭކަމުގެ އުއްމީދުގައި، ގިނަބަޔަކު ތިބީ މިފެށިގެންދިޔަ 2025 ވަނަ އަހަރަކީ ގައުމަށް ސިޔާސީ ގޮތުން ހަމަޖެހުމެއް ލިބި، ތަރައްގީއާއި ތަމައްދުނުގެ ރޮގުން އާ އުސްމިނަކަށް ދަތުރުކުރެވޭ ފާގަތި އަހަރަކަށް ވެގެންދާނޭކަމުގެ ފޮނި އުއްމީދުގައެވެ.