ގދ. ތިނަދުގެ ސިޓީގެ ދަރަޖަ ބާތިލުކުރުމަށް އެދި ހުށަހެޅުނު ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފައެވެ. މި މައްސަލަ ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
ރިޔާސީ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވާފައިވާއިރު، އޭރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ތިނަދޫގެ އާބާދީއަކީ 8،000 އެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުންނެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމަށް އާބާދީ 10،000 އަށްވުރެ މަތިވާންޖެހެއެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވެފައިވަނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ހައި ކޯޓަށް ބެލޭނީ ހަމައެކަނި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ފުށުއަރާ މައްސަލަތައް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނީ މަސްދަރެއް ނޫން ކަމަށާއި، މިފަދަ މައްސަލަތައް ދުސްތޫރީ ގޮތުން ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅުއްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"މިހާރު" އާ ވާހަކަފުޅު ދައްކަވަމުން ރާގިބު ވިދާޅުވީ ތިނަދޫ ކައުންސިލުން 10،000 ގެ އާބާދީ ދެއްކުމަށް ހުށަހެޅި ލިސްޓަކީ އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ. މި ލިސްޓުގައި އެތައް އަހަރެއް ކުރިން ނިޔާވެފައިވާ މީހުންނާއި، އެއް ނަމެއްގައި ތަފާތު އައިޑީކާޑު ނަންބަރުތަކުން މީހުން ހިމަނާފައިވާ ކަމަށް ރާގިބު ވިދާޅުވިއެވެ. ޑީއެންއާރުން ލިބިފައިވާ މައުލޫމާތުން ދައްކާގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ.
މި މައްސަލައިގައި ކައުންސިލާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުލަތުގެ ލިޔުމެއް އޮޅުވާލައި، ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި، މި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާފައެވެ. މި މައްސަލަ ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅުމާއި ގުޅިގެން ރާގިބު ވަނީ ސަރުކާރުގެ މަގާމުން ވަކި ކޮށްފައެވެ.