މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް ހޯމަ ދުވަހު އެއަރ ޝޯއެއް ބާއްވަނީ

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް ހޯމަ ދުވަހު އެއަރ ޝޯއެއް ބާއްވަނީ

މޯލްޑިވިއަން އެއާލައިންސްއިން އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 ރާއްޖެ ގެނައުމާ ގުޅިގެން އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 އިން 5:30 އަށް މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މި އެއާ ޝޯ ބާއްވާނީ މާލޭގެ އުސްފަސްގަނޑާއި ހުޅުމާލެ ފޭސް 1 އަދި 2 ގެ އިރުމަތީ އަތިރިމަތީގައެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އަންނަ މަހު ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ޗައިނާ އަދި ޔޫރަޕްގެ މަންޒިލްތަކަށް މި އެއާކްރާފްޓުން ދަތުރުތައް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޑިސެމްބަރުގައި ވިދާޅުވެފައިވަނީ މި އައު އެއާކްރާފްޓާއެކު އިތުރު ހަތް މަންޒިލަކަށް ދަތުރުތައް ފެށޭނެ ކަމަށެވެ. މީގެ ތެރޭގައި ޗައިނާގެ ތިން ސިޓީއާއި، ސައުތު އެފްރިކާގެ ޖޮހޭނަސްބާގް އަދი ޔޫރަޕްގެ ތިން ސިޓީ ހިމެނެއެވެ.

ކުރީގައި މޯލްޑިވިއަން އެއާލައިންސްއިން ޗައިނާ އަދި ސައުތު އެފްރިކާއަށް ދަތުރުކުރި ނަމަވެސް، އެ ދަތުރުތައް ކުރަންޖެހުނީ އެހެން މަންޒިލްތަކަށް ޓްރާންސިޓްކޮށްގެންނެވެ. މިހާރު މޯލްޑިވިއަންގެ ފްލީޓުގައި ޖުމްލަ 13 ބޯޓު ހިމެނެއެވެ. މީގެ ތެރޭގައި އެއާބަސް އޭ320 އެއް ބޯޓާއި، އޭޓީއާރްގެ ހަތަރު ބޯޓު އަދި ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތަކުގައި މިހާރު ބޭނުންކުރަނީ އެއާބަސް އޭ320 އެކަނިއެވެ.

އައު ވައިޑް-ބޮޑީ އެއާކްރާފްޓުގައި އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. އަދި މި އެއާކްރާފްޓުން ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *