ލޯނުތަކަށް ކުރި ހޭދައާއެކު މިހާތަނަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 48 ބިލިއަން ރުފިޔާއަށް

ލޯނުތަކަށް ކުރި ހޭދައާއެކު މިހާތަނަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 48 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ބަޖެޓުން މި އަހަރު ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މިހާތަނަށް 48 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 48.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 46.5 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ލޯނުގެ ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި 45.9 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން 70 ޕަސެންޓް ކަމުގައިވާ 32 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި ޕެންޝަނަށް 12.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 11 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 19.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީވެސް މިދިޔަ އަހަރުގެ 18.7 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 11.4 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 32.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި 24.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 31.9 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *