ބައެއް ޓެކްސްތަކަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް 268.8 މިލިއަން ރުފިޔާގެ ކުރިއެރުމެއް

ބައެއް ޓެކްސްތަކަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް 268.8 މިލިއަން ރުފިޔާގެ ކުރިއެރުމެއް

ސަރުކާރުން އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ދެ ޓެކުހެއް ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 268.8 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިއްޖެއެވެ. މި ކުރިއެރުން ލިބިފައިވަނީ ފަތުރުވެރިންގެ އަތުން ނެގޭ ގްރީން ޓެކުހާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓީޖީއެސްޓީ ހިމެނޭ ގޮތަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެންނެވެ.

ޑިސެމްބަރު 1 އިން ފެށިގެން ބޮޑުކުރެވުނު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ސަބަބުން، މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1,068.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 931.3 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1,089.6 މިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރާ އަޅާބަލާއިރު 131.7 މިލިއަން ރުފިޔާގެ އިތުރުވުމެއް ވަނީ ފެނިފައެވެ.

އައު އިސްލާހުތަކުގެ ދަށުން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނެގޭ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގޭ ފީ 60 ޑޮލަރުން 120 ޑޮލަރަށް، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ ފީ 120 ޑޮލަރުން 480 ޑޮލަރަށް ވަނީ އިތުރުކުރެވިފައެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ ފީއަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެއެވެ.

މީގެއިތުރުން، ގްރީން ޓެކުހާއި ޓީޖީއެސްޓީން ލިބޭ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 935.8 މިލިއަން ރުފިޔާއިން 993.2 މިލިއަން ރުފިޔާއަށް އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 8,020.6 މިލިއަން ރުފިޔާއިން 8,719.7 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ސަރުކާރުން ވަނީ ކުރިއަށް އޮތް ތަނުގައި ގްރީން ޓެކްސް ޖެނުއަރީ 1 އިން ފެށިގެންނާއި ޓީޖީއެސްޓީ ޖޫން 1 އިން ފެށިގެން އިތުރަށް ބޮޑުކުރުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *