އަންހެނެއްގެ ރަން ފަށް ފޭރިގަތް މީހާ ކުށަށް އިއުތިރާފްވެ ބަދަލުދޭން އެއްބަސް ވެއްޖެ

އަންހެނެއްގެ ރަން ފަށް ފޭރިގަތް މީހާ ކުށަށް އިއުތިރާފްވެ ބަދަލުދޭން އެއްބަސް ވެއްޖެ

ގުޅުންހުރި

މިމަހުގެ ކުރީކޮޅު އަންހެނަކު ސައިކަލުގައި ދަނިކޮށް އޭނާގެ ރަން ފަށް މަގުމަތިން އަތުލި މައްސަލައިގައި ހައްޔަރުކުރެވުނު މީހާ އެކަން ކުރިކަމަށް އިއުތިރާފުވެ، ގެއްލުނު ތަކެތީގެ ބަދަލު ދިނުމަށް އެއްބަސްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހު މާލޭގެ އަލިކިލެގެފާނު މަގުގައެވެ. މި މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު ހައްޔަރުކުރެވުނީ ކ. މާލެ، ވ. ފިޔަބަރި، ހަސަން އިސާމް (30 އަހަރު) އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާ ހައްޔަރުގައި ބަހައްޓަން ނިންމީ ހަތް ދުވަހުއެވެ. އަދި ހޮނިހިރު ދުވަހު އިތުރަށް އެ މުއްދަތު އިތުރުކޮށްފައިވެއެވެ.

ކޯޓު ލިޔެކިޔުންތަކުން ދައްކާގޮތުގައި އިސާމް ވަނީ މި މައްސަލައަށް އިއުތިރާފުވެފައެވެ. އަދި އޭނާ ކޯޓުގައި ބުނެފައިވަނީ ވަގަށްނެގި ފަށް މިހާރު އޭނާގެ އަތުގައި ނެތްނަމަވެސް، މި ގެއްލުމުގެ ބަދަލު ދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.

އަދި ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް އޭނާ ވަނީ އެއްބަސްވެފައެވެ. ހޮނިހިރު ދުވަހު ބޭއްވުނު ބަންދު މުރާޖައާ އަޑުއެހުމުގައި ކޯޓުން ވަނީ އިސާމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.

ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި އިސާމް ވަނީ އަންހެނަކު ސައިކަލުގައި ދަނިކޮށް ފަހަތުން ގޮސް ފަށް އަތުލަން މަސައްކަތްކޮށްފައެވެ. ފުރަތަމަ މަސައްކަތް ކާމިޔާބުނުވުމާ ގުޅިގެން، އިސާމް އޭނާގެ ސައިކަލް މަގުމަތީގައި ބަހައްޓާފައި އެ އަންހެންމީހާއާ ދިމާއަށް ދުއްވާފައި ދިޔައެވެ. އެ އަންހެންމީހާ އޭނާއާ ދުރަށް ދިއުމަށް ސައިކަލް މަގުމަތީގައި ދޫކޮށްލާފައި ދުވެފައިވެއެވެ.

ނަމަވެސް އިސާމް ވަނީ އެ އަންހެންމީހާގެ ކަރުގައި އޮތް ފަށް އަތުލައި، އަދި ދަބަހަށްވެސް އަތްލަން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ އަންހެންމީހާ އިސާމްއާ ދެކޮޅު ހަދައި ގޯޅިއަކަށް ވަދެގެން ގޮސްފައިވެއެވެ. ސައިކަލުގައި ދުއްވާފައި އައި އެހެން މީހަކު އެތަނަށް އައުމުން އިސާމް އޭނާގެ ސައިކަލުގައި އަވަހަށް އެތަނުން ފިލައިގެން ދިޔަ މަންޒަރު ފެންނަން ހުއްޓެވެ.

ކޯޓު ލިޔެކިޔުންތަކުން ދައްކާގޮތުގައި އިސާމްގެ ކުށުގެ ރެކޯޑު ވަރަށް ދިގުއެވެ. މިހާރު އޭނާ ބަންދުގައި ބަހައްޓާފައިވާ މުއްދަތު ހަމަވާނީ ޖަނަވަރީ 12 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *