ދެކުނު ކޮރެއާގެ އެއަރޕޯޓެއްގައި މަތިންދާބޯޓެއް އެކްސިޑެންޓްވެ މަދުވެގެން 47 މީހުން މަރުވެއްޖެ

ދެކުނު ކޮރެއާގެ އެއަރޕޯޓެއްގައި މަތިންދާބޯޓެއް އެކްސިޑެންޓްވެ މަދުވެގެން 47 މީހުން މަރުވެއްޖެ

ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި 181 ފަސިންޖަރުންނާއެކު ދަތުރުކުރި މަތިންދާބޯޓެއް އެކްސިޑެންޓްވެ، މަދުވެގެން 47 މީހުން މަރުވެއްޖެއެވެ.

ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓްކުރި ގޮތުގައި، މަތިންދާބޯޓު ރަންވޭއިން ނެއްޓި، ޖެހިފައިވަނީ އެއަރޕޯޓުގެ ފާރަކާއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ، 175 ފަސިންޖަރުންނާއި 6 ކްރޫ މެންބަރުން އުފުލި ޖެޖޫ އެއަރގެ މަތިންދާބޯޓު ތައިލެންޑުގެ ބެންކޮކުން އެނބުރި އައިސް ލޭންޑްކުރަން އުޅެނިކޮށް ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީއަށް އަލިފާން ނިއްވާ ޚިދުމަތުގެ އޮފިޝަލަކު ބުނި ގޮތުގައި، މިހާތަނަށް ދެމީހުން ދިރި ތިބިކަން ފެނިފައިވާއިރު، އަދިވެސް ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އެއަރޕޯޓް އޮފިޝަލަކު ބުނި ގޮތުގައި، މަތިންދާބޯޓުގެ ފަހަތު ބައިގައި ތިބި މީހުން ސަލާމަތްކުރުމަށް ކުއްލި ނުރައްކަލުގެ ޚިދުމަތްތަކުން މަސައްކަތްކުރަމުންދެއެވެ.

ޔޮންހަޕްގެ ރިޕޯޓުގައިވާ ގޮތުން، ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ 173 ދެކުނު ކޮރެއާގެ މީހުންނާއި 2 ތައި މީހުންނެވެ.

އެކްސިޑެންޓްގެ ސަބަބު އަދި ނޭނގޭއިރު، ދޫނިތަކެއް މަތިންދާބޯޓުގެ ސިސްޓަމްތަކުގައި ޖެހުމުގެ ސަބަބުން މިކަން ދިމާވެދާނެކަމަށް ލޯކަލް މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ޔަޤީންކުރެވިފައިނުވާ ފުޓޭޖްތަކުގައި ދައްކާގޮތުން، މަތިންދާބޯޓު ރަންވޭއިން ނެއްޓި ފާރަކާ ޖެހުމަށްފަހު، އޭގެ ބައެއްގައި އަލިފާން ރޯވިއެވެ.

އެހެން ފުޓޭޖްތަކުގައި ދައްކާގޮތުން، އުދަރެސްމައްޗަށް ކަޅު ދުމުގެ ބޮޑު އަނދިރިގަނޑެއް އުފުލިގެންދިޔައެވެ.

ދެކުނު ކޮރެއާގެ އަލިފާން ނިއްވާ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިހާތަނަށް ފްލައިޓް އެޓެންޑެންޓަކާއި ފަސިންޖަރަކު ސަލާމަތްކުރެވިފައިވާއިރު، އެކްސިޑެންޓް ސައިޓަށް އަލިފާން ނިއްވާ 80 މީހުންނާއި އަލިފާން ނިއްވާ 30 އަށްވުރެ ގިނަ ވެހިކަލް ފޮނުވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *