ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 44 މިލިއަން ރުފިޔާގެ ރުފިޔާގެ މަޝްރޫއުއެއް ހަވާލުކޮށް، މިދިޔަ އަހަރު އެ ފައިސާ ދިން މައްސަލައިގައި އަވަސް ތަހުގީގެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު އަންގަވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ޢަލީ ޙަމީދުގެ މަޞްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓަކާ ގުޅިގެން، 2023 ވަނަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީއިން ބައްލަވައި، ފުލުހުންގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.
މި މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ ޢާންމު މަޞްލަހަތު މަތީ ދަރަޖައަކަށް އޮތް ޙައްސާސް މައްސަލައެއްކަމަށް މި އޮފީހަށް ފެންނާތީ، މި މައްސަލައަށްއިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަޙުޤީޤު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ޚިދުމަތުގައި ދަންނަވާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ މި ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް މި މައްސަލައިގެ ތެރެއިން ތަޙުޤީޤުކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ސެޕްޓެމްބަރު، 2016 ގައި އާސަންދައިން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު ވަނީ ލަފާކޮށްފައެވެ. ނަމަވެސް 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން އެޑްވާންސްގެ ގޮތުގައި ދޫކުރެވުނު 44 މިލިއަން ރުފިޔާ ދޫކުރިފަހުންވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.
އަލީ ހަމީދު 19 ވަނަ މަޖިލިހުގައި އިސްދޫ ދާއިރާ އަށް ކުރިމަތިލެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އެކަމަކު މިދިޔަ އަހަރު އޭނާ ވަނީ އެމްޑީޕީ އަށް ސޮއި ކުރައްވައިފައެވެ. އެމްޑީޕީގެ ވެރިކަން ބަދަލުވުމާ އެކު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ ޕީއެންސީ އަށް ވެސް ސޮއިކުރެއްވިއެވެ.