ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހަކަށް މިއަދު ވެގެން ހިނގައްޖެއެވެ. އެއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައުމާއި ގުޅިގެންނެވެ. އޮސްޓްރިއާގެ ރައްޔިތެއް ކަމުގައިވާ މި ފަތުރުވެރިޔާއަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ރެކޯޑު އަހަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި މި ކާމިޔާބީ ޙާޞިލުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، އެ މިނިސްޓްރީއާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ ގުޅިގެންވާ މަސައްކަތުންނެވެ.
އަންނަ އަހަރަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ. ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ބެޑް ނައިޓްސް 14.2 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.
މި ކުރިއެރުން ޙާޞިލުކުރުމަށް މަގުފަހިވާނެ އެންމެ މުހިންމު ކަމަކީ އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލެވެ. 78,000 އަކަމީޓަރުގެ މި ޓާމިނަލްގެ ސަބަބުން އެއާޕޯޓުގެ އަހަރީ ކެޕޭސިޓީ 1.5 މިލިއަނުން 7 މިލިއަނަށް އިތުރުވެ، އެރޯބްރިޖާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމް ފަދަ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.