ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރި ފަހުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުވަ މީހަކު ޖޫރިމަނާކޮށް، ޖޫރިމަނާ ކުރި އަދަދު 50،000ރ. އަށް އަރާ ކަމަށް ފުލުހުން ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މި މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މަނާވެފައެވެ.
ފުލުހުން ބުނީ ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނާ ހިލާފުވެގެން ނުވަ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެއީ ޖުމްލަ 50،000ރ. ކަމަށެވެ.މި ނުވަ މީހުންގެ ތެރެއިން އެކަކު ވަނީ 10،000ރ. އިން ޖޫރިމަނާކޮށްފައެވެ. އެއީ އިކަލު ދުއްވަމުން އީ-ސިނގިރޭޓު ބޭނުންކޮށްފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ ގާނޫނުގައި މިހާރު އޮތް ގޮތުން އުމުރުން 21 އަހަރެވެ. އެހެން ކަމުން މިރޭ 12 އިން ފެށިގެން، 21 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ މަނާ ކަމަކަށްވާނެއެވެ. ކުރިން މި ގާނޫނުގައި ދުންފަތް ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ.
ވޭޕް އެތެރެކުުރުމާއި ބޭނުންކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށްފައިވާ އިރު، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވެސް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއެކު، ސިނގިރޭޓުގެ އަގު ވަނީ 100ރ. އިން 250ރ. އަށް ބޮޑުވެފައެވެ.