ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރަކާއެކު ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކުރުމުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި، ގ. ސެމިޓޯން އިބްރާހީމް ޝަރީފް (40)، ގދ. ކޮލަމާފުށި/ އޯޝަންބްލޫ ޢަބްދުﷲ ޙަސަން (41)، ހދ. ނޭކުރެންދޫ/ އިރުދޭމާގެ ޙުސައިން ރިޔާޒު (33) އަދި ގއ. ދާންދޫ/ ވަލުތެރޭގެ ޢަބްދުﷲ ޖަމީލު (32) ހިމެނެއެވެ.
އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި، އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން، ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފައިވެއެވެ. މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރެވެމުންނެވެ.