ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
އެމްޑީޕީން ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ރާވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވަނީ ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ ސަސްޕެންޑްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ނިހާދު ދެއްކި ވާހަކަތަކަކީ ސަރުކާރުން މިކަމުގައި ދެކޭގޮތް ނޫން ކަމަށާއި އެ ވާހަކަތަކާއި ގުޅިގެން ނިހާދު ސަސްޕެންޑްކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި އަދި ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާނެ މަންޒިލެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރާއްޖެ އަށް މިއަހަރު ދެ މިލިއަން ފަތުރުވެރިން އައުމާއި ގާތްވެފައިވާކަން ފާހަގަކޮށް، މިއީ ފަތުރުވެރިން ރާއްޖެ އަށް ކުރާ އިތުބާރާއި ޔަގީންކަން ދައްކުވައިދޭ ކަމުގެ ހެއްކެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން ރާއްޖެ އަކީ އަމާން މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކެއް ގުޅިގެންމަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ފަތުރުވެރިންނަށް ދައުވަތު ދީފައެވެ.