"ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ ކަށުނަމާދު އިއްޔެ ކުރުމަށް ކަނޑައެޅިފައިވީނަމަވެސް، އެކަން ފަސްކޮށް ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށްފަހު ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ މަޢުލޫމާތުން އެނގޭގޮތުގައި މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރު ދުވަހަށް ވަނީ ހަމަޖެހިފައެވެ.
މުޝްފިގު ގެއްލުނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭ "ހޮޅުދޫ ބޯޓު" ގައި ދަތުރުކުރަމުންދަނިކޮށް އެ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި ސާރޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، މިހާތަނަށް މުޝްފިގު ފެނިފައެއް ނުވެއެވެ.
މިއަދު ކުރީކޮޅު މުޝްފިގުގެ ރަށް، ލ. މާވަށު ކައުންސިލުން ވަނީ އޭނާގެ ކަށުނަމާދު މިއަދު ކުރުމަށް ނިންމައި އެކަން އިޢުލާންކޮށްފައެވެ. ނަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މިފަދަ ހާލަތްތަކުގައި ގާޒީގެ ބަހެއް ބޭނުންވާނެ ކަމަށާއި، މުޝްފިގުގެ ކަށުނަމާދު ވަގުތީގޮތުން ފަސްކުރުމަށް އެދޭ ކަމަށެވެ.
ޑރ. ޝަހީމް ވަނީ މުޝްފިގުގެ ޢާއިލާއާ ވާހަކަދައްކާ، އިސްލާމީ ޝަރީޢަތުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށްފަހު ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފައެވެ.
އުމުރުން 25 އަހަރުގެ މުޝްފިގު ހޯދުމަށް އެމްއެންޑީއެފުން މިހާތަނަށް 92.42 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލައިފައެވެ. އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65,100 އަކަ މީޓަރުގެ ސަރަޙައްދެއް ވެސް ބަލައިފައިވެއެވެ. މީގެއިތުރުން، މުޝްފިގު ހޯދުމުގެ މަސައްކަތުގައި ޑްރޯންތައް ވެސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ