ފުލުހުން ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކޮށްފި

ފުލުހުން ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކޮށްފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ މ. ޒޭވަރުގައި ފުލުހުން ރޭގެ ވަގުތެއްގައި ފުލުހުން ބަލައިފާސްކޮށްފިއެވެ. ފުލުހުން ފަޒުލްގެ ގެ ބަލާ ފާސްކުރީ ބިންވެރިޔާ ސްކީމުގެ ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލައާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އެ ގޭގައި ގިނައިރުތަކެއް ވަންދެން ހަރަކާތްތެރިވެފައި ވެއެވެ. ނަމަވެސް އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް ގެންދިޔަކަން އެނގިފައެއް ނުވެއެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީން ބިންވެރިޔާ ސްކީމުން ބޭރުން ގޯތިތަކެއް ދިން މައްސަލާގައި އެންމެ ބޮޑު ތުހުމަތު ކުރެވެނީ ފަޒުލްއަށެވެ. އަދި ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ، މިހާރު ސަސްޕެންޝަންގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.

ނަމަވެސް މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް މި ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ ބޭބެ މި މައްސަލައިގައި ހިމެނުނީ އިއްތިފާގުން ކަމަށާއި، އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދީފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް މި ގޯތީގައި މިހާރު ވަށާފާރު ހުރީ ރާނާފައެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒީލަށް ލިބިފައިވާ ގޯތީގައެވެ.

މީގެ އިތުރުން، އެޗްޑީސީގައި ހުރެގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އިތުރު ހިޔާނާތްތަކެއް ހިންގި ކަމަށާއި، ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތްކުރި ކަމުގެ ތުހުމަތުތައް ވެސް ފަޒުލްގެ މައްޗަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. މި ކަންކަން ފާހަގަކޮށް، އެޗްޑީސީގެ ކުރީގެ ޗެއާޕާސަން އަހުމަދު ޒުހޫރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މީގެ ފަސް މަސް ކުރިން ސިޓީއެއް ފޮނުވާފައެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޒުހޫރުގެ އެ ސިޓީ އެމަނިކުފާނާ ހަމައަށް ލިބިފައި ނުވާކަމަށާއި، ސިޓީ ލިބިލެއްވި ނަމަ ފަޒުލް ފިޔަވަޅު އެޅުއްވީސް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *