ރާއްޖޭގައި ހިންގާ ބޮޑެތި ރިސޯޓްތަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީގެ ލީޑާޝިޕުން ރާވާފައިވާ ކަމުގެ ތުހުމަތު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ކުރުމުން އޭނާ ދެއްކި ވާހަކަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ގޮވާލައިފިއެވެ.
ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވެފައިވަނީ މި ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް އުޅެނީ ކުރީގެ ސަރުކާރުގައި ދައުލަތުގެ މާލިއްޔާއިން އަށް ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކި ފަރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ފައިވްސްޓާ ފެންވަރުގެ ރިސޯޓްތަކަށް އަމާޒުކޮށްގެން މި ހަމަލާ ދިނުމުގައި އެމްޑީޕީގެ ލީޑާޝިޕްގެ "ބްރޯ" ވެސް ބައިވެރިވާ ކަމަށް ނިހާދު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ހަވާލުކޮށްލުމަށް ހިންގާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނިހާދުގެ ވާހަކަތަކާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައި އައްބަސް ވިދާޅުވެފައިވަނީ ރާއްޖޭގަ ހުރި އިންޓަނޭޝަނަލް ރިސޯރޓް ތަކަށް އިދިކޮޅު ޕާޓީގެ ލީޑަރޝިޕުން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ޓުރަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ބުނުން އެއީ ކުޑަކަމެއް ނޫން ކަމުގައެވެ. އަދި އެކަން ބަލާ ތަހުގީކުރަން ޖެހޭ ކަމަށާއި، ނިހާދުއާމެދު ފިޔަވަޅު އަޅަން ޖެހޭކަމަށްވެސް އައްބާސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގަ ހުރި އިންޓަނޭޝަނަލް ރިސޯރޓް ތަކަށް އިދިކޮޅު ޕާޓީގެ ލީޑަރޝިޕުން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް @MoTmv ގެ ސްޓޭޓް މިނިސްޓަރ @nihad_m ބުނުން މީ ކުޑަކަމެއް ނޫން. މިކަން ބަލާ ތަހުގީގު ކުރެވެންޖެހޭ. މީނާ އާމެދު ފިޔަވަޅުވެސް އެޅެންޖެހޭ..
@min_mohst @mgmaumoon… pic.twitter.com/S1TRgddY57— Mohamed Abbas (@Abbasvelidhoo) December 23, 2024
ނިހާދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެކްސްގައި ވިދާޅުވެފައިވަނީ މިފަދަ ދޮގު ވާހަކަތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމަށާއި، މިއީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި ނިހާދާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އައްބާސް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ނިހާދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ގޮވާލަމުން ދެއެވެ.
އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި ނިހާދު އެ ޕާޓީއަށް ބަދަލުވެވަޑައިގެންނެވީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރައްވައެވެ.