2 މިލިއަން ވަނަ ފަތުރުވެރިޔާ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ!

2 މިލިއަން ވަނަ ފަތުރުވެރިޔާ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ!

Author
ހުސައިން
24 ޑިސެމްބަރ 2024 08:58
0

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް ދައުލަތުގެ މީޑިއާގައި ވިދާޅުވި ގޮތުގައި، ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެކަމަށް ބެލެވެނީ ބުރާސްފަތި ދުވަހު ކަމަށެވެ. ރާއްޖެއިން މި އަހަރު ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒަކީ ދެ މިލިއަން ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފައެވެ. މި ގޮތުން، ފަތުރުވެރިކަމުގެ މާކެޓްތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ އަދަދަކީ 260،900 އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 216،000 ފަތުރުވެރިންނާއެކު ރަޝިއާއިންނެވެ. އިނގިރޭސިވިލާތުން 173،900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން 151،200 އަދި އިޓަލީވިލާތުން 133،700 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިހާރު ރާއްޖެއަށް 23 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ސީދާ ދަތުރުތައް ކުރެއެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި، 920 ގެސްޓްހައުސް އަދި 155 ސަފާރީ އާއި 15 ހޮޓާ ހިމެނޭ ގޮތަށް ޖުމްލަ 1،262 ތަނެއް ހިންގަމުން ގެންދެއެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް 63،118 އެނދު ޚިދުމަތަށް ހުޅުވާލެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.