މިއަހަރު ކުންފުނީގެ ސާފު ފައިދާ 100 އިންސައްތަ އިތުރުވާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ނިމިގެންދިޔަ ތިން ކުއާޓާގައި ކުންފުނި ހިންގުމުގެ ހަރަދުގެ ތެރެއިން 170 މިލިއަން ރުފިޔާގެ ސޭވިންގއެއް ހުރި ކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވިއެވެ.
ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނުނަގައި، ކުންފުނީގެ ހަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކޮށްގެން އަހަރު ނިމޭއިރު މިދިޔަ އަހަރާ އަޅާބަލާއިރު ސާފު ފައިދާ 100 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް މަތީން ވިދާޅުވިއެވެ. ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ސަރުކާރުން އަންގަވާފައިވާ ކަންތައްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހުން މާލީ ދަތިކަމުން އަރައިގަތުމަށް ހަރަދު ކުޑަކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކެއް ހިމެނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ނުބޭއްވުމާއި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް މަޑުޖައްސާލުމުގެ ސަބަބުން މާލީ ދަތިކަމުން އަރައިގަންނަމުންދާކަން ފެންނަމުންދާކަމަށް މަތީން ވިދާޅުވިއެވެ. ސާފު ފައިދާ އިތުރުވުމާ ގުޅިގެން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުވާނެކަމަށާއި، އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހިފައިވާ މުހިއްމު މަސައްކަތްތަކާއި ފަށައި ނުނިމި އަދި ކުރިއަށް ނުގެންދެވިހުރި މަސައްކަތްތަކެއް ހުރިކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ، ވިޔަފާރި ފުޅާވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް ރަނގަޅުކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ.