ކުރީ ސަރުކާރުން 9 ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ ވަކި ބަޔަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމަށް: އޭޖީ އޮފީސް

ކުރީ ސަރުކާރުން 9 ސެޓްލްމަންޓް އެއްބަސްވުމެއް ހެދީ ވަކި ބަޔަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމަށް: އޭޖީ އޮފީސް

ގުޅުންހުރި

ކުރީގެ ސަރުކާރުން 9 ސެޓްލްމަންޓް އެއްބަސްވުމެއް ވެފައިވަނީ ވަކި ބަޔަކަށް ނުހައްގު މުއްސަނދިކަން ހޯދައިދިނުމުގެ މަގުސަދުގައިކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

މިރޭ ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރީ ސަރުކާރުން 2022 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ބަދަލުދިނުމުގެ އުސޫލެއް އެކުލަވާލާފައިވެއެވެ. އެއުސޫލުގެ ދަށުން ނިންމާފައިވާ ނިންމުންތަކާއި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ބަހެއް ނެތި، ތައައްސުފީ ގޮތެއްގައި، ވަކި ފަރާތްތަކަކަށް ނުހައްގު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމާފައިވާ ނިންމުންތަކެއްކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަކީ ގާނޫނީ ހައިސިއްޔަތާއި ބާރު ލިބިގެންނުވާ އުސޫލެކެވެ. އަދި އެ އުސޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށާއި، އެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ 9 ސެޓްލްމަންޓް އެއްބަސްވުމަކީ ބާތިލް އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުންތަކެއް ނޫންކަމަށާއި، އަމަލުކުރަންނުޖެހޭ އެއްބަސްވުންތަކެއްކަން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު ވަނީ މިއަދު އަންގަވާފައެވެ. ރައީސް މުއިއްޒު ވަނީ ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައްސަލަތައް ދިރާސާކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުއްވާފައެވެ.

މީގެ އިތުރުން، މި އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، އެ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް އެ ކޮމިޓީންވެސް ދެކޭކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުންތައް ބާތިލްކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި، އެ އުސޫލާއި އެއްބަސްވުންތަކުގެ ދަށުން އެއްވެސް ބަދަލެއް ދީފައިވާނަމަ، އެ ބަދަލެއް އަނބުރާ ހޯދުމުގެ ކަންކަން ކުރުމަށާއި، މިކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ