ރާއްޖެއަށް އެތެރެވުމަށް ވިސާ ފީއެއް ނަގާކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގުމުގެ ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ރާއްޖެއަށް އެތެރެވުމަށް ވިސާ ފީއެއް ނަގާކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގުމުގެ ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

Author
ހުސައިން
18 ޑިސެމްބަރ 2024 07:11
0

ދިވެހިރާއްޖެއަށް އެތެރެވުމަށް ވިސާ ފީއެއް ނަގާކަމަށް ބުނެ ފަތުރުވެރިންނަށް އޮޅުވާލައިގެން ފައިސާ ނެގުމުގެ ސްކޭމެއް ހިންގަމުންދާތީ، އެކަމާމެދު ސަމާލުވުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން އިލްތިމާސްކޮށްފިއެވެ.

މަޓާޓޯއިން އެކްސްގައި ހާމަކުރި ގޮތުގައި، މި ސްކޭމް މައިގަނޑު ގޮތެއްގައި ހިންގަމުންދަނީ "މޯލްޑިވްސް-އެންޓްރީމާލެ.ކޮމް" މި ނަމުގައި ހިންގާ ވެބްސައިޓަކުންނެވެ. އެހެންނަމަވެސް އިތުރު ވެބްސައިޓުތަކުން މިފަދަ ސްކޭމްތައް ހިންގުމުގެ ފުރުސަތު އޮތުމާއެކު، އެކަމަށް ވެސް ސަމާލުވުމަށް މަޓާޓޯއިން ވަނީ އާންމުންނަށް ގޮވާލާފައެވެ. މަޓާޓޯއިން ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖެއަށް އެތެރެވުމަށް އެއްވެސް ދައުލަތުގެ މުއައްސަސާއަކުން ވިސާ ފީއެއް ނުނަގައެވެ.

މި މައްސަލައާ ގުޅިގެން މަޓާޓޯއިން ވަނީ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، މި ސްކޭމް ހިންގާ ފަރާތްތަކުން ފަތުރުވެރިންގެ އަތުން ފައިސާ ނަގަމުންދަނީ އެ ވެބްސައިޓަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަސްމީކޮށް ހުއްދަ ދޫކުރާ ނިޒާމެއްގެ ގޮތުގައި ދައްކައިގެންނެވެ. އަދި ރާއްޖޭގެ އިމިގްރޭޝަންގެ ޓްރެވަލް ޑިކްލަރޭޝަން ފަސޭހަކޮށްދޭ ކަމަށްވެސް އެފަރާތްތަކުން ދަނީ ދޮގު މަޢުލޫމާތު ފަތުރަމުންނެވެ. މިހާތަނަށް މި ސްކޭމްގެ ޝިކާރައަކަށްވެ، އެކި ފަރާތްތަކުން ވަނީ މިކަން ރިޕޯޓުކޮށްފައެވެ.

މި ސްކޭމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަ އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ތަޙްޤީޤު ކުރުމަށް މަޓާޓޯއިން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ފަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށްވެސް މަޓާޓޯއިން ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.